Lah Narrative

އަހަރެންގެ އައުމަށް މުޅި ދުނިޔެ ތައްޔާރުވުން. ތާހިރު އަމާންކަން. އަލިކަމާއި އުފާ. މަންމަ އާއި ބައްޕަގެ އުންމީދު. ފެތުރިގެންވާ މާސިންގާ ސާފު އުޑުމަތި ދޫލައެއްހެން ދޭ މަރުހަބާ. އަހަރެން މަންމަގެ ގައިތެރޭގައި. ދެމައިންގެ ހިތުގެ އަރާމު ބެރު. މަންމަ ގެ އިހުސާތައް. މަގޭ ކާނާ، މަގޭ ދިރުން.

0:00
(ދޫނި އިންޓަރލޫޑް)

ލޯބިވާ ދަރިފުޅާ،ދުނިޔެއަށް ލޯހުޅުވަމާ
ދިމާވާ ކަންކަމާ،ފަސްނުޖެހި ކުރިމަތިލަމާ

ދޫންޏެއްހެން އުދުހިލާތަން
ދެކިލާހިތް ވަރަށް ވޭ

ކެރިކޮޅު ބަދަލުވަނީ ބޯ ވިއްސާރައަށް. އަހަރެން ހެމުން ބޭރަށް ނުކުންނަނީ. ސިކުންތެއް ތެރޭގައި ގަދަޔަށް ފިނިވެ ތެމުން. އަތައް ސައިބޯނި ފޮނު އަޅައިގެން އެއަށް ފުމުން. ބަނަ އުޑަކަށް ބަލަން ހުރެ ބޮކި އަރުވަނީ.
މޫދުގެ ފެންގަޑުމަތީ އޮށޯވެގެން( ބަރުދަނެއްނެތި ލުއިކޮށް) (ފްލޯޓްކުރުން). އިރާއި ދިމާލަށް މޫނުދީގެން، ލޯމަރައިގެން – ލޮލުގެ ފަހަތުގައި ރަތާއި އޮރެންޖު ކުލައިގެ ނެށުން
އެތައްމިތާ ދުވުން. މަންޒިލެއް ނެތް، ނޫން، މަންޒިލަކީ ދުވުން. ކަކޫ މައްޗަށް ވެއްޓިފައި ހެމުން ހަޅޭއްލެވުން. ހިސާބުކުދިން ކައިރިން ޖޫސްޕެޓީ ބޯން ދަސްކުރުން.ދަތުން ކަން އިރާލުން، ދިޔާ ފިޔާތޮށި ގެރިކިރު ރޮންގެއް އަތްތެރެއިން ގޮސް އުޅަނބޮށިން ތިކިޖެހީމާ، ދޫލައިގެން ސާފުކުރުން. ތަތްލަވާ އަތް ފާރުގައި ކާއްތަމުން ހިނގާފައި ގެޔަށް.
ގޭގައި ކާން ހަދާފައި. އެނދު ތައްމަތިއަޅާފައި. ހުރިހާ ކަމެއް ތައްޔާރު.

1:06
މާބުރު

އޭމަލާދެން ނިކަން ދީބަލާދެން
ފޮނިކޮޅެއް މަށަށްދެން ބޯލަން ދީބަލާދެން
އަހަރެންނީ އެކަނިވެރިއެއް
މަންޒިލެއް ނެތް ދަތުރުވެރިއެއް
އެކަމު މަހޯދާނީ ލޯތްބޭ
މައުޅެނީ ލޯތްބަށް
މައެދެނީ ލޯތްބަށް
މަބޭނުމީ ލޯތްބޭ
މަދިރިހުރީ ލޯތްބަށް
އަނބެއް ކާލާހިތުން ރައްޓެހިންނާއެކީ ފައިވާން އުކަން ހުއްޓާ މަޑުކޮށްލީ މަރޫޓީ ޖިޕެކޭ.
އެހުމެއް ބެލުމެއްނެތި އެއްލާލީ ޖިޕު ފަހަތަށޭ.
ލޯ ހުޅުވާލާ ހޭވެރިކަންވީއިރު އިނީ ގޮނޑިއަކަށް ފަހަތަށް ބިޑިއަޅުވާފައޭ.
ކިޔާނެހާ އެއްޗެއްކިޔާ، ކުރާނެހާ އަނިޔާއެއްކޮށް، އިއްފަތްމަގޭ ނިގުޅާލާ، މިމައުސޫމު ކުއްޖާ އަނބުރާ އެއްލާލިއިރު ވީގޮތް އަޑުއަހާނެ.

5:15
ނެތޭ އެކަކުވެސް

ނެތޭ އެކަކުވެސް
އުޅުނީމޭ ކިޔާދޭން، ވީގޮތް މަށަށް އެރޭ
އަޑުއަހާނެ ކަންފަތެއް، ނުދިނޭ އެކަކުވެސް
ވީރާނާވެ ގެއްލިދާނޭ
އަޅާލާނެ ،އެކަކުވެސް
މިތާނެތް، އެކަކުވެސް
ބަލާލާނެ، އެކަކުވެސް
ބުނެދޭން ،އެކަކުވެސް
ކިޔައިދޭނޭ، އެކަކުވެސް
އަޑުއަހާނޭ،އެކަކުވެސް
އަމިއްލަ އޮރިޔާން ނިވާނުކޮށް، މީހުންނަށް މަލާމާތް ކޮށް
ލިބުނު މޮޅާ އެކީ ގެއްލޭ، އައިގޮތް ހަނދާން ނެތޭ
ހަމަމީހެއް
މިތާކުނެތް
ލޯގަނޑުން ބަލަން އުނދަގުލޭ. އަހަރެންގެ ސޫރަ ވަށާ ބިއްލޫރީގައި ކަޅުވިލާ ދުވަނީއޭ. މޫނުގައި ނޭފަތް އަނގަ އިނަސް އޭގެ ވަށައިގެން ވާ (ބައުންޑަރީ) ހުންނަނީ ފުސްވެފައިއޭ. ދަތްއުގުޅާ އުނގުޅިޔަސް ކުރީގެ ސާފުކަމެއް އަނގަޔަކަށް ނާދެއޭ. ކޮންމެ ދުވަހަކު އިވެޔޭ ބައްޕަ ފޯނުގައި ހުރެގެން މާދަމާ ޔަގީނޭ އިރާދަކުރެެއްވިއްޔާ މަގޭ ދަރިފުޅަށް ލިބުނު އަނިޔާއަށް އިންސާފު ހޯދާނަމޭ.

8:22
ލައް

ވޭނުގައި އުޅުނުހާ ހިތި ދުވަސްތައް
ފޮހެލަން ކުރި މަސައްކަތް

ރޭހުގައި އުޅުނުހާ، ހަޔާތުން
ފޭހިގެން މަގޭ ތަލި ދުލުން

ހޭކިލާފަ ދާހެން އެބަހީވޭ، އަބަދުމެ މަށަށް
ވެށި ފަޅައިގެން ގޮސް ފިނިކަމެއް ނެތި އެއްގޯސްވީ

*ރުޅިއާދޭ، ރުޅިއެބައާދޭ
ރުޅި އާދޭ މަގޭ ގާތައް
ރުޅިއައިއްސަ ހުރެގެން، މުޅި މީހާ ތުރުތުރު އަޅަނީ
ރުޅިއައިއްސަ ހުރެގެން، މުޅި މީހާ ފަޅައިގެން ދިޔައީ

ލައްޖެހިއްޖޭ ލައްޖެހިއްޖޭ ލައްޖެހިއްޖޭ ލައްޖެހިއްޖޭ ލައްޖެހިއްޖޭ ލައްޖެހިއްޖޭ
(ރުޅި އައިއްސިޔޭ)
(ޖެހޭ ލައް ނުފިލާނޭ) ހިތުގަ މަގޭ
ލޫވަރެއް ދޮށުގައި، ބިއްލޫރީގަނޑުގެ އަރީގައި ޝަހާދަ އިނގިލި ކާއްތަމުން. ކަނިލަނީއޭ، މުޅިދުނިޔެ ހީވަނީ ދުންކަފައިން ފުރާފަ ބާރުކޮށްފައި ހުރިހެންނޭ. ކިތައްމެ ބޮތްކެއް ދިއްލިޔަސް އަލިނުވާހާ އަނދިރިއޭ. ހުކުރު ހުތުބާ ވީދަމުން މިސްކިތުގެ ކަނެއްގައި، ދަށްފައި އޮތީ ކިލާވެފަކަން އެންގުނީ މާފަހުންނޭ. ލޮލަކުން ނިންޖެއް ނުފިލައޭ، އެކަމަކު ނުއެއް ނިދެޔޭ.
ބޯން ފެށުނީ ކިހާ ހިސާބަކުންހެއްޔޭ ކައުންސެލަރުން ވަރަށް ގިނައި އަހާނެއެވެ. ޖެހިގެން ހުރިގޭ ބަނޑަހަގޭތެރޭ ފަތުރާފައި އޮތް ތަތްމުޑު ގޮދަޑިއެއްމަތީ ވަގުތުލަސްވެ، ބަރު ހަށިގަނޑު ދޫކޮށް، ބަނަ ވިލާގަނޑެއްގެ މަތީގައި ބުރަކަށި ޖައްސާލައިގެން، ދެފައި އެލުވާލައިގެން އޮވެ، ހޭއެރިއިރު ބައްޕަ ބޮލުގައި ހަތަރުފަހަރަށް ފިރުމައިފިއޭ. ހަތަރު މާދަމާ އިރާދަކުރެއްވިއްޔާ އައިއްސް ހިނގަޖެއޭ. ނުލިބެއޭ.

12:13
ލައް އައުޓްރޯ ∠ (އިންޓަރލޫޑް)

ވާތަދެއް އިހުސާސް ނުވޭ
ގޮވާލީމާ އަޑެއްނީވޭ
ހީވެޔޭ ވަޔާއެކީ މަދާހެން
ދާނުގައި މަޖައްސާލީ
އަތް ފައި ބަރުވިޔޭ
ދުންގަނޑުތެރެއިން ބައްޕަގެ ސޫރަ އަހަރެންގެ މޫނުގައި ހިފަހަށްޓަނީ. އަހަރެން ބައްޕަ މެއްސެންހެން ފޮޅާލީ. ބައްޕައެއީ އަސްލެއްނޫން ދޯ. ހެހެ.
ފިހާރައިން މިލްކުޓޮފީ ވަގަށްނަގައިގެން. މޫނުމަތި އަތުރައިގެން. އަހަރެންނަށް ރޭކާލި އިރު، ސޭޓު ކައިރީ އަހަރެންގެ ހިނގާ ކުންފުންޏެއްގެ ވާހަކަ ހަމަ މިއޮށް ގަދަޔަށް ކިޔާދެވެނީ. މިލިއަންނުންނޯ. އަހަރެން މީ ކާކު. މީކޮން ބައެއްބާއޭ.
ބައްޕަބުނީ އީދަށް ރަށަކަށް ގޮސްލަންފެންނަވާހަކައެވެ. އަހަރެންނަށް އާނއެކޭ ބުނެވުނުއިރު އީދު އައިސްގޮސް ނިމިއްޖެއޭ.

16:11
ހިލަ

ހައިރާންވީ ބޭޒާރުވީ
ރައްޓެހިން ކުރިމަތީ މަ ފަލީހަތްވީ
ދޫކޮށްލީ ކައިރިން ދިޔައީ
އެކުވެރިންނާ އެކު މަ ރަހީނުކުރީ

ރަނގަޅޭކިޔާފަގޮސް އަމިއްލަ ނަފްސަށް ދޮގުހެދީ
ވާނުވާ ނޭންގިގެން ހަލާކުތެރެޔަށް ވަދެވުނީ
ނަމަވެސް ނެތޭ މަށަށް އެހާ ފަސޭހައިން ނިކުމެވޭކަށް

ފިރުކެންފެށި ހިލައަކަށްވީ
ކަނޑުކޮހުގެ ނަގުލަކަށްއެރި ވަގުތު ބޭކާރުވީ

އަޑުނޭހި ނަސޭހަތް ކައްސާލީ
ފަނޑުވެ ފުނޑުވޭ އަތުން ބީވެ ދިޔަޔަސް

ތަކުރާކުވެ ނެތްކަމެއް ޖެހި ފެއްސެއްކެހިޔަސް
މަބުނާނެ ބަހެއްމީ އަސްލައް ބެލިޔަސް
މިހިރަގެން މި އާދަ ހަރުވެ ފައްކާވަނީ.
ގެންނާށޭ ހޯދާނަމޭ. އަހަރެންނަކީ ލަސްލަހުން ހިނގާ ޝިކާރަވެރިއަކަށް ބަދަލުވަނީ. އެކަނިވެރިކަމަކީ ކުއްލިއަކަށް މަގޭ އެންމެ ވަރުގަދަ ހަތިޔާރެވެ. އަހަރެންގެ އިހުލާސްތެރިވާނީ ބްރައުންއަށް އެކަނިކަން އަހަންނަށް އެނގިއްޖެއޭ.
މަގޭ ލޯބިވެތި ޕީސް މަދޫކޮށް ނުދޭބަލާށޭ. ބުނެ ބުނެ ހުއްޓާވެސް ހުލިވެ އެހެރަ ގެއްލެނީ.
މަންޒަރު މުޅިން ތަފާތުވީއޭ. މަންމަގެ ފައްޓަރު އެމީހާ ޖީބަށްލީއިރު އޭގެ ގޮށްތައް ރީތިކޮށް ދިއްލޭތަން ފެނުނެވެ. ދެން އެގެއްލުނީއެވެ. ބަދަލުގައި ބްރައުންއޭ.
އެކީގައި އޭރު އުޅުނު ޅަދަރިމައި އަންހެނަކު މިސްޓަރ ބްރައުން ހޯދަން ދިޔައީ ދަރިފުޅު މަށާ ހަވާލުކޮށްފައޭ. ކުއްޖާ ރޮމުން ރޮމުންގޮސް މަންމަ އައި އިރު އޮތީ ހިނދިފައޭ. މަންމަ އައީމާ އަރައިގަތީ ބޮޑު ވިއެރިގަނޑެކޭ. ދެން މަންމަގެ އުނގުގައި (ސެޓްލް) ހަމަޖެހުނޭ، ބުއްބޯން ފެށިއޭ. އަހަރެން ލައިޓަރު ކަނޑާލީއޭ. އަމާންކަން އައޭ. އަހަރެން ކައްވަޅުން ނެރެގެން މަންމަގެ ލޯބި ބޮއެ ދުމަށް އަރުވާ ނިމުނީއޭ.
ފުލުހުން އައި އިރު އަހަރެން އޮތީ އެކަންޔޭ.


19:50
މިސްޓަރ ބްރައުން

އޭ މިސްޓަރ ބްރައުން،
ބީއްސާލާފާ ނުދޭ
ހައިރާން މަވީ އިނދަޖައްސާ
ބައިބައި ކުރުމުން ނުލާހިކު އަޅުދާސްވޭ
އުސްގަނޑާ ޖެހި އަޑިގަނޑަށް ވެސް ތައްޔާރޭ
މިސްޓަރ ބްރައުން
ހަޔާތުގަ މަގޭ އަޅުވެތި ކަމެއް ނެތް
އެހެނަސް މިއަދު މަގޭ ވަރުދިޔައީ
ކަލެޔަށް މިސްޓަރ ބްރައުން
އަނދިރި ގޮޅިއެއްގައި ބަނޑުން ބާއްވާފައި އިދިފުށަށް ދެއަތާއިދެފައިގާ ބިޑިއަޅުވާފަ ގަދަކަމުންގެނެސް ދެއަތްދޭތެރެއަށް ދެފައި ލައްވާފައި ބޫޓުން ތަޅަންފެށިއޭ ހޭނެތެންދެން. ދާހިތްލަމުން، ހޮޑުލަމުން، ބޭއިހްތިޔާރުގައި އުފަލެއްނެތި ގަޔަށް ލެވެމުން…

23:42
(މަންމަ – އިނޓަރލޫޑް)

މަންމާ ނިކަން އައިސްބަލާ
މަގޭ ކައިރިޔަށް،ފިރުމާލަދޭން
ލޯބިވާ މަންމާ އެދެމޭ ވަރަށް
މަންމަގެ އުނގުގައި ނިދާލަން
ބަރުބޫޓުން ބޭންޖަހަނީ. އަހަރެން އަނެއްކާވެސް މަގުމަތީ. ހިޔަނިތަކު ތެރެެއިން އިންސާނުން ފާހަގަވަނީ ހަމައެކަނި ދަތްޕިލައިންނޭ. އެ ހެނީހެއްޔޭ؟ އެއީ ކޮންބައެއްބާއޭ. މިއީ ހަމަ އެއްދުނިޔެއެއް ދޯ. ގައިގައި މީހުން ޖެހިގަނެއޭ. އަހަރެންނާ ދިމާލަށް ލޯ އަޅަނީއޭ. ކޮބައިހޭ އަޅާލުމެއް. މިއީ ކޮންބައެއް ބާއޭ. މިއީ ކޮންކަމެއްބާއޭ. އަންހެނުންގެ އަތްތައް މަޑުވިޔަސް ނިޔަފަތިތައް ހާދަ ރަތޭ، ތޫނޭ.

އަހަރެންގެ ފައިތިލައިގެ ދަށް އޮތީ އެއްކޮށް ކަޅުކޮށޭ.

މިއީ ޝައްކުގެ ވަގުތޭ. ނުތަނަވަސްކަމުގެ އިހުސާސްތަކުގައި ހޫނުލައި ފަޒާތެރޭ އެނބުރެނީއޭ. މުޅިގައި ހިރުވަނީއޭ. އަހަރެން މިތަނުން ނެރޭށޭ.

24:49
އަނިޔާވެރިންގެ ވެށްޓެއް

ނުވާނެ އެކަކުވެސް ބޭނުމެއް، އަނިޔާވެރިންގެ ވެށްޓެއްގައި ދިރިއުޅެން
އަދުލު އިންސާފެއް އަދި އިންސާނިއްޔަތެއް ނެތް
ޖަނަވާރުންހެން މިތާއުޅެ ނިމިދާންވީހޭ

ނޫނޭމީ އުޅެންވީގޮތެއްނޫން، ދަރިންނަށް ދަސްކޮށްދޭންވީ ގޮތެއްނޫން
ބޭކާރޭ މަވީ އަނިޔާއޭ ލިބެނީ
ބޭކާރޭ މަވީ އިތުރަށް ބުނާނެ އެއްޗެއްނެތް

ނުވާނެ އެކަކުވެސް ބޭނުމެއް، ނުކުރާ ކުށަކަށް ބޮޑު ހުކުމެއް
ލޯތްބެއް، ކުލުނެތް، އިހުސާންތެރިކަމެއް ނެތް
ޖަނަވާރެއްހެން މިތާއުޅެ ނިމިދާންވީހޭ
ގަހެއްގެ ދަށުގައި ދެމީހުން. ތެދުވެރި ވަގުތުކޮޅެއް. ހާދަ މަދެއްކޮނޭ މިހާރު މިހެންވަނީ ހިތައް އެރިއޭ. ދެމީހުން ސާފުވެފައިއޭ. އަލަށް ދުނިޔެއަށް އައުމުގެ ރޯކަންމަތީއޭ. އެއްބަސްވުންތަކާއި ހިތްވަރު. އެކަކު އަނެކަކަށް. ކޮންޑުގައި ޖަހާލާފައި ‹ދަނީއޭ ފަހުންނޭ›.
އޭނަ ދިޔަފަހުން އެތައް އިރެއްވީއިރުވެސް އަހަރެން. މައްޗަށްބަލަން. މަދުގަހުގެ ފަތްތަކުގެ ތެރެެއިން އަވި އެކުޅޭ ކުޅިވަރު ދަސްކުރަން. އެތައް އިރެއްފަހުން، ވިސްނެނީ، އަހަރެން މިއޮތީ ހާދަހާވާ ހަމަޖެހިފައޭ.

ދެން އަޑުއިވުނީ އެހަބަރޭ.

30:23
ބުނެނުލާ

ހިނދުކޮޅެއްގެ އަރާމަށް، ދިރިއުޅުން ދިޔައީ
ހިނދުކޮޅެއްގެ އަރާމަށް، ދޫކޮށްލި ދިރިއުޅުން
ނުވާނޭ ކިޔާގޮސް، ކީއްހޭ ތިކުރީ
ކައިރިޔަށް އަންނަންދެން، ހުރެނުލާ ތިދިޔައީ

ހިނދުކޮޅެއްގެ އަރާމަށް، ދިރިއުޅުން ދިޔައީ

ކުރިން އުންމީދު، ކެތްމަދުވެފައި މަހުރީ
ދިން ޝިފާޔާއެކީ، ގެއްލިގެން ތިދިޔައީ

ލިބެންއޮތް އުފާތަކުން މަހުރޫމް ތިޔަވީ
ލިޔުނުހާ ފަރިހިތައް ނުކިޔާދިޔައީ

އަސްލުހާ ފިކުރުތައް ނުކުރަހާ ތިދިޔައީ
މައްސަރެއްގެ ކޮޅުންވެސް ފެނިނުލާ ތިދިޔައީ
ހުރެނުލާ ތިދިޔައީ
ފެނިނުލާ ތިދިޔައީ
ބުނެނުލާ ތިދިޔައީ
މާކުރީގައި، ގުރާ ފެހި ހެދުމެއްގައި އޭނަ ޓިއުޝަނަށް ދިޔަތަން ބަލަން. އަހަރެން އޮޅިގަނޑުމަތީ ކެސްވެފަ. ފަހުން އޭނަ މަށަށް ސަލާންފޮނުވާ، އެގޮތްމިގޮތައްގޮސް. ކޮބައިބާ. މީހަކާ އިނީބާ. މިހާރު ދާނެތާދޯ އޮފީހަށް. އެއްކޮށް އުޅެން ސަޅިވާނެ ދޯ.
ފޯނު ނަންބަރު ހޯދީ އެގޭ ގަރާޖުގަ އުޅޭ ބަންގްލަދޭޝް މީހާ އަތުން. ގުޅަނީ، ތުރު ތުރުއަޅަނީ. އެއްކޮށްދާނީ ކޮންތާކަށް؟ މިހާރު މީހުން ދަނީ ކޮންތާކަށްތަ؟ ބުނަން ބޭނުންވާ ޖުމްލަ މަގޭ އަނގަތެރޭގައި ގެންގުޅެ ގެންގުޅެ. ލޯބި އައިސްކްރީމްބޯން ދާނަންތަ؟ ހުރަސްތޮށި މައްޗަށްތަ؟ އަނގަބޯން ދާނީ ކޮންތާކަށް؟
ފޯނެއް ނުނަގާ. ދެން ބްލޮކް. ދެނޯ.

35:08
މަހާދަ ލޯބިވެޔޭ

ހިތުގަ މަގޭތިނަން ފަވާލީމޭ
ބިންވަޅު ކަނޑާ ނެގީމޭ
ހިތަކުން ފިލައިގެން ނުދާނޭ ދެން
ތިޔަރީތި މޫނު ތިޔަނަލަ ހިނގުން
ތިހުއްޓިލާ ބަލައިލާ ގޮތް
ކުރުހުމެންހެން އަބަދަށް ހުންނާނޭ

*މަހާދަ ލޯބިވެޔޭ ކަލާދެކެ
ލޯބިން ހުސްވެއްޖެއޭ ކަލާދެކެ
މަހާދަ ލޯބިވެޔޭ ކަލާދެކެ
ލޯބިން މަރުވެއްޖޭ ކަލާ ދެކެ

ފޮނުވިން މަލެށް ކަލާޔަށް
ނުހިފާ އެމާ ތިޔަ އެއްލާލީ
އަޒުމެއް މަގޭނުގެއްލޭ
ވާރޭވެހޭތޯ ހަނަފަސް ބިމެއް
އާދޭސް ކުރާހެން މައާދޭސް ކުރިން
އެދިއެދި ހުރިން ތިލޯތްބަށް (ލޯބިވޭ…..ލޯބިވޭ…..)
އެހެން އަންހެނެތް. ދިރިހުރި ދައުވަތެއް. އެކޮޓަރީ ކުޑަދޮރުގައި ރަތް ދޯޕައްޓާއެއް އެލުވާފައި. މުޅި ކޮޓަރި ރަތް. އޭނަމޫނު ރަތޭ. އަހަރެންގެ ނޭފަތްވެސް ރަތްކޮށޭ. މެންދުރު ދަޅައަށް ދާހިތްލާފައޭ. އަހަރެންގެ މޫނު، އޭނަގެ ކަރުތެރެއިން ވަސްގަންނަން. ރަތްވަސް. އަހަރެންގެ ހިއްސުތައް ރަތް. އަހަރެން އައިސައާ އިނދެފާނަމޭ ބުނީމާ އޭނާ ގައިމަތީއޮތް މަ ނަގާ އެއްލާލާފައި ހޭންފަށައިފިއޭ. ހަހަ. އަހަރެން ނޫޅެމޭ ކަލޭ މަންމައަށް ވާކަށް. ސާބަސް.

އަހަރެން ރައްކެއް ނުވޭ.

ކޮފީތައްޓެއް ހަދައިދޭށޭ ބުނީމާ، އަހަރެންގެ ޓީޝާޓުލައިގެން ގޮސް ބޭރުގައި ސިނގިރޭޓުބޯން އިނދެފަ އައިސްބުނީ ހަނދާނެތުނީއޭ.

39:04
އައިސަ އައިސަ

ހުޅުމާލެ ފެރީން ފުންމާލީ
ސައިކަލަށް އަރާ ދުއްލާވީ
ކުރިމަތިން އައި އެއްޗަކަށް އަރާ މަ ފުނޑުނީ
އައިސް އައިސް ކީންހޭ ތިޔަކުރީ
ކޯންޗެއްހޭ ތިޔައެޅީ
ސައިތައްޓަށް މަގޭ ތިޒަހަރުލީ

ނިންޖާއި ހޭވެރިކަމާ ދޭ ތެރޭގައިވާ ސިއްރު ދުނިޔޭގެ
އަސްލާއި ދޯކާ ވަކިނުވާހާ ވައިލެޓް އަލީގައި
ތިކަކޫ މަގޭ ކަރުގާ ވިއްދާލީމާ ނޭވާހާސް ވީ
އިސާހިތަކު ދެވިހިފީއެވެ. ފިހާރަ ސޭޓުބުނީ ހެޔޮނުވާނެއޯ އޭނަ ކައިރިއަށް ދާން. އަހަރެން ބުނީ އޭނާގެ ނަންކިޔަސް ކަރުތެރެއިން ފޮނިރަހަލައޭ. ސޭޓުބުނީ އާނ ލާނެއޭ.
އަންހެން ހަރުފައިގެ ވިހަ މީރުވާނޭ.
އަހަރެން އެގެއިން ނިކުންނަނީ ގަދަކަމުންނޭ. ކުޑަ ބެލްކަނީ އެއްގައި، ބޮކިފައްޗެއްގެ އަލީގައި، ތިރީގައި ހުންނަ ކަޑައިގެ ތެޔޮދުންވަސްތަކުތެރޭ އަހަރެންނަށް ބްރައުންނޫން އަރާމެއް އެންމެފަހުން ދަސްވީއެވެ. އޭނާ ފިރުމާއިރު އިންގިލިކުރިންވެސް ވިންދުޖަހައޭ. އޭނަގެ ކަޅިތެރެއިން އަހަރެންނަށް ފެންނަ މުޅި ދުނިޔެއަކީ އަރާމެވެ. އަހަރެންނަކީ އަރާމޭ. މި ވިހަ މާމީރޭ.
އޭނާއަކީ، ހުރިހާގޮތަކުން ބުންޏަސް، ދިރުމޭ.

43:04
ހަލާކުވެއްޖެ

ހަލާކުވެއްޖޭ، ހަލާކުވެއްޖޭ، މަގޭ ހިތް ހަލާކުވެއްޖޭ

ތަނަކުނުޖެހޭ ކަމެއް ފެނި، މަގޭހިތް ހަލާކުވެއްޖޭ
ރަށުވާނުން ބުނެއުޅޭ، ކުރަންނުވާ މޮޅު ކަމެއްތީ
ނުވާނެ ތިކަމެއް އެކަމަކު، މީސްތަކުން ބުނާ އަޑުއެހިން
އެބައިވަރުގެ ދަންތޫރައިން، ނެތޭމަށަށް ރެކިލެވެން

ފިއްސާލާހާ ބަރަހަނާ، ޗިސްކޮށްލާހާ ފިކުރުތައް
މަގޭ ހަށި އަރާމެއް ނެތިގޮސް، ތަގޭ ކަށިމަތިން މެށިގަތީ
ސަޅި ކަމެއް ކުރުމު ނިޔަތުގައި، އޮވެ ގަސްތުގައި މަކަރުހެދީ

ހަލާކުވެއްޖޭ، ހަލާކުވެއްޖޭ، މަގޭ ހިތް ހަލާކުވެއްޖޭ

(ތެޅި ފޮޅި ހެލި މަހަލާކު ވެއްޖެޔޭ)
އަތްކާތަމުން، ފިރުމަމުން، އަލުން އަހަރެން، މިފަހަރު އަހަރެންގެ ގޮތުގައި މިއޮތީ ދިރިޔަ ދީފައޭ. އަސްލަކީ މަށަކީ މަކަން، އޭނާގެ އުނގުތެރެއިން ދަސްވެއްޖެއޭ. މަންމައަކަށް ނުވާނަމޭ އެހާ ފަސޭހައިން ބުނެލިޔަސް، އެޔަށްވެސް ވާންޖެހޭ އިރަކު ވެދެއޭ. އަހަރެން އަހަރެން އަހަރެން.

ބޯކޮށުން ހުއްޓާލީ، ތުނބުޅިހެދުން ނިންމާލީ. އޭނާގެ ބްރާވާގަޑު އަތުގަ އޮޅާލާ ހެމުން މި ގޮށްމުއްކޮވާލީ. އަހަރެން ގެ މޫނުގަ ހުރި ލައްތައް، އަހަރެންގެ މާޒީގެ ލަދުވެތިކަން، އެއީ އަހަރެންތާދޯ އެވެ. އޭގެން މިންޖުވީމާ، ދެންބާކީ އޮންނާނީ ކޮންޗެށް ހެއްޔެވެ. އަހަރެންގެ ކޮންމެ ފިޔަވަޅަކީ އަހަރެންގެ ކުށުގެ ބަޔާނެވެ. އަހަރެންގެ ކަޅުފައިތިލައަކީ އަހަރެން ހޯދި މަގުގެ ނިޝާނެވެ. އަހަރެންގެ ފައިތިލައިން ފެށިގެން ގޮސް ކޮންމެ އިސްތައްޓެއްގެ ކޮޅާ ހަމައަށް އަހަރެންނަކީ އަހަރެން ކޮށްފައިހުރި ކަންކަމެވެ. އެއީ އަހަރެންނެވެ.

46:27
ކުލަ

މަގޭ ދުނިޔޭގައި، މަލާނީ ކަޅު ކުލަ
މަގޭ ދުނިޔޭގައި، މަލާނީ ރަތް ކުލަ
މަގޭ ދުނިޔޭގައި، މަލާނީ ނޫ ކުލަ
މަގޭ ދުނިޔޭގައި، މަލާނީ ދަނބު ކުލަ

މަގޭ ދުނިޔޭގައި، މަލާނީ މުށި ކުލަ
މަގޭ ދުނިޔޭގައި، މަލާނީ އަޅި ކުލަ
މަގޭ ދުނިޔޭގައި، މަލާނީ ރިހި ކުލަ
މަގޭ ދުނިޔޭގައި، މަލާނީ ރަން ކުލަ

މަގޭ ދުނިޔޭގައި، މަލާނޭ ކުލައެއް ނެތް
ކާކުހޭ ތީ

މަގޭ ދުނިޔޭގައި، މަލާނީ ފެހި ކުލަ
މަގޭ ދުނިޔޭގައި، މަލާނީ ފިޔާތޮށި ކުލަ
މަގޭ ދުނިޔޭގައި، މަލާނީ ރީނދޫ ކުލަ
މިހިސާބުން އަލުންފަށަންވީނުން. ޖޫސްޕެޓީ އެއްކޮށް އަނގައިތެރެއްށް ގަޅާލާ، ވިރުނަދޭންވީނު. ހެހެ.
މަގޭ މި ތަތްލަވާ ތުންފަތުން ލޯގަނޑުގެ ބިއްލޫރިގަނޑުގައި ބޮސްދޭންވީނު. އުފަލަކީ އަހަރެންކަން އެނގެންވީނު.

ފަތިހު، ނިދި ތަންމަތިން އަހަރެން ނުނިދާހުރެ ނިކުމެދަނީ ފިޔަވަޅު ގުނަމުން، މިނަމުން. ކުރިއަށް. ފަހަތުގައި އޮތްމަގު މަގޭ އަތްމައްޗަށް އަމުނަމުން.

50:07
(އަލިކޮޅު − އިންޓަރލޫޑް)

ހިތުގަވޭ
އަލިކަމެއް
ނުގެއްލޭ
އުންމީދެއް

އެބައޮތޭ
ހެޔޮމަގެއް
ހޯދިއްޔާ
ލިބޭނޭ

50:47
މަވެސް އެންމެންވެސް

ދިރިއުޅުމުގައިވޭ ހެޔޮނުބައި ގޮތްވޭ
މަގޭ ހޮޔޮގޮތީ ތިބާޔަށް ގޯސްގޮތް ކަމުގައި ވުން އެކަށީގެންވޭ

އަހަރެންނެ ގޯހެއްނޫނޭ، އެކަކަށްވެސް ގޯހެއްނޫނޭ
އަހަރެންނެއް ރަނގަޅެއްނޫން، އެކަކަށްވެސް ރަނގަޅެނޫނޭ
އަހަރެންނެއް ދެރައެއް ނުވެޔޭ، އެއްގޮތަކަށް ދެރައެއްނުވެޔޭ
އަހަރެންނެއް އުފަލެއް ނުވެޔޭ، އެގޮތަކަށް އުފަލެއްނުވެޔޭ

ދިރިއުޅުމުގައި ޖެހޭ، ކެތްކުރަން އެބަޖެހޭ
ވާންއެދޭހާ ކަންތައް، ބައެއްފަހަރާ ނުވުންވެސް އެކަށީގެންވެސްވޭ

އަހަރެންނެ ގޯހެނޫން….

ވާން އެދޭހާ ކަންކަމެއް ނުމެއްވޭ، ވާންއެދޭހާ ކަންކަމެއް ގޮތްގޮތެއް ނުމެއްވޭ
ވާން އެދޭހާ ކަންކަމެއް ނުމެއްވޭ،
ދާން ހިނގާ ދާން މިތަން ދޫކޮށްލާފާ ދާންހިނގާ